| Main | News | Dhivehi | Editorials | Opinions | Open Forum | About Maldives | Downloads | About us | Links | 27 November 2007 01:20
އެޑިޓޯރިއަލް
ބޮޑު މުނާފިގާ، ބޮޑުވަގާ، ދެޅިޔަނުންގެ ސިއްހީ ޚިދުމަތުގެ ސަމާހަތު
ދިވެހި އޮބްޒާވަރ، 27 ނޮވެމްބަރ 2007
ކޮންމެރައްޔިތަކަށްވެސް އެކަށީގެންވާ ސިއްހީ ފަރުވާ، އަތްފޯރާ އަގެއްގައި ލިބުމަކީ އަސާސީ ހައްޤެއް ކަމަށް މިސަރުކާރުގެ ސިއްހީ ސިޔާތުގައި ލިޔެވިފައި އޮވެއެވެ. ނިކަމެތީންނަށް އެހައްޤު ލިބެނީ ނާލާފުށީ ފަޤީރަށް ގެރި ދިން ގޮތަށެވެ. ބަލިވެ ގޮތްހުސްވެގެން ތީމުގެއަށް ސިޓީލީމާ އަންގާނީ، ވެލްފެޔާ މިނިސްޓްރީއަށް ސިޓީލާށޭއެވެ. (އެ ފެންވަރުގެ މީހުންނަށް؟) ބޭސްކުރުމަށް އެހީ ދިނުމަކީ ތީމުގެއިންކުރާ ކަމެއް ނޫންކަމަށެވެ. ކޮންމެޔަކަސް ސިޓީލީމާ ހޮސްޕިޓަލަށް ފޮނުވައިގެން އެތައްތެޅުވުމެއް ތަޅުވާފައި، ބައެއްމީހުންނަށް ޓްރިވެންޑްރަމަށް ދެކޮޅު ޓިކެޓަކާއި 200 ޑޮލަރު ލިބޭނެއެވެ. އަނެއް ބައި މީހުންނަށް އެކައްޗެއްވެސް ނުލިބޭނެއެވެ. ލިބޭމީހަކަށްވެސް ލިބޭނީ ހަމަ އެއްކަލަ 200 ޑޮލަރެވެ. ކިތަންމެ ބޮޑު ބައްޔެއްގައި އުޅުނަސް ވެހެވެ.
އަނެއްކޮޅުން ޑިކްޓޭޓަރު މައުމޫނުގެ އައުވާނުންނަށް ކަންތައްވަނީ މުޅިން އެހެން ގޮތަކަށެވެ. ތީމުގޭގައި ރައްޓެއްސަކު އުޅެންޏާ، ވެލްފެޔަރަށް ނުގޮސް، ހޮސްޕިޓަލަށްވެސް ނުގޮސް، ސީދާ ތީމުގެއިން އެހީލިބޭނެއެވެ. ސީދާ ޑިކްޓޭޓަރު މައުމޫނުގެ ރައްޓެއްސެއްނަމަ، ސިޓީލާކަށެއްވެސް ނުޖެހޭނެއެވެ. ޑިކްޓޭޓަރު މައުމޫނު އަމިއްލަޔަށް ދައުވަތުދީގެން، އެމީހަކު ބޭރަށް ފޮނުވާނެއެވެ. އަދި އެއީ ތަންކޮޅެއް މަތީފަންތީގެ މީހެއް ނަމަ، ފޮނުވާނީވެސް ސިންގަޕޫރަށް ނޫނީ ބެންކޮކަށެވެ.
ޑިކްޓޭޓަރު މައުމޫނުގެ އާއިލާގެ މީހެއްނަމަ، ބޭސްކުރާނީ ސިންގަޕޫރުގައި އޯޕަން ބަޖެޓަކުންނެވެ. ހަމީދު އާއިލާމީހުން އެތާނގައި މަސްދެމަސް ކޮށްފައި އަންނައިރު ލައްކައިން ޑޮލަރު ބިލަށް އަރުވާލުމަކީ އާންމު ކަމެކެވެ. މިއީ ރައްޔިތުންގެ ހައްޤު ރައްޔިތުންނަށް މިސަރުކާރުން ހޯދައިދޭގޮތެވެ.
މިސަރުކާރުން ރާއްޖެތެރޭގައި 16 ހޮސްޕިޓަލު ހިންގައޭ ބުނީމާ އާޝޯޚު ނުވާނީ ފަހެ ކާކުބާއެވެ؟ ހޮސްޕިޓަލެއް ކީއްކުރަންތޯ ސެންޓަރެކޭ ކިޔާވަރުގެ ތަނެއްވެސް ހަޤީޤަތުގައި ރާއްޖެތެރޭގައި ނެތެވެ. ހުރިނަމަ ހުރީ ބަޖެޓް ދަވާލަން އެކިދުވަސްވަރުގައި ހަދާފައިވާ ހުސް އިމާރާތްތަކެކެވެ. އެއިންތަނެއްގައި ހުންބަލާ ކަށިގަނޑެއްހާހިސާބުވެސް އޮންނާނީ މަދު ފަހަރަކުއެވެ. ޑަކުތަރުންނޭކިޔާފައި އަވަށްޓެރި ކޮންމެވެސް ޤައުމަކުން ގެނެސްފަތިބޭ ބަޔަކުވެސް ތިބެއެވެ. އެއިން މީހަކަށް އެނގޭ އެއްޗެއް ހަރާމެވެ.
ޑިކްޓޭޓަރު މައުމޫނު ކައިރީގައި ބަޔަކު ހޮސްޕިޓަލެއް އަޅައިދޭން އެދުނީމާ އެކަން އިލިޔާހަށް (ކުރިން އަނީސާއަށް) އަންގާނެއެވެ. ދެން އޭނާ، ނަންބޯޑު ހަދާތަނަކުން ރީތިބޯޑެއްގައި 'ހޮސްޕިޓަލޭ' ލިޔުއްވައި އެރަށަކަށް ފޮނުވައި އެތާނގައި ހުރި ހެލްތު ސެންޓަރުގައި ހަރުކޮށްފާނެއެވެ. ދެން ކޮންމެވެސް ގޮޅަޔަކު ދާފަހަރަކުން، އެބޯޑުން ފަރުދާ ކަހާލީމާ ހޮސްޕިޓަލު އެހުޅުވުނީއެވެ.
މިފެންވަރުގެ 'ހޮސްޕިޓަލުތައް' ހިންގަމުންވެސް، ޑިކްޓޭޓަރު މައުމޫނުގެ ކޮންމެ ތަގުރީރެއްގައި، ސިއްހީރޮނގުން ރާއްޖެވަރުގެ ތަނެއްނެތޭކިޔައި ފޮނިކަނޑާނެއެވެ. އަދި މާބޮޑު ކާމިޔާބީތަކެއް ލިބިފައިވާ ކަމަށް އަޗާތަޅާނެއެވެ. ހަޤީޤަތުގައި އެބުނާ ކާމިޔާބީއަކީ، ނާސިރު މިތާގައި ވެރިކަންކުރި ދުވަސްވަރު، ގޭގެއަށް ޑޮމިސަލަރީ ވޯކަރުން ފޮނުވައި ޑީޑީޓީ ޖަހައިގެން މަދިރިހުން ނައްތާލިވާހަކައެވެ. ދެން ޑެންމާކު މީހުން އައިސް މާލޭގައި ފާހާނާ ހޮޅިވަޅުލީމާ، ބޭރަށް ހިންގައިގެން މަރުވާކުދިން މަދުވީވާހަކައެވެ. ނިކަން ވިސްނާލަ ބަލާށެވެ. މިކަންކަންވެސް މިއީ މީނާކުރި މާމޮޅު ކަމަކަށް ހަދައިގެން އެއޮއް ކަނޑާފޮންޏެއް ބަލާބަލާށެވެ.
އަނެއްކޮޅުން މީނާ ލާފައިތިބޭ އުޑެއް ބުޑެއް ނުދަންނަ ހެލްތު މިނިސްޓަރުންގެ ނާޤާބިލުކަމުން ކުރިން މިތާނެތް ކިތަންމެ ބައްޔެއް މިހާރު މިތަނަށް ފާވެއްޖެއެވެ. ދެކުނުގެ އަތޮޅުތަކުން މީދަލަށްޖެހޭ ކޮންމެވެސް ބައްޔެއްވެސް އިންސާނުންނަށް ޖެހިފައި ހުއްޓާ ފެނިއްޖެއެވެ. އިހަކަށް ދުވަހު ޗިކަންގަންޖާ ކިޔާ ބައްޔެއްވެސް ފެނިއްޖެއެވެ. މިއީ ކިހިނެއް ޖެހޭއެއްޗެއް ކަމެއްކަންވެސް އަދިވެސް މިމީހުންނަކަށް ނޭގެއެވެ. ދެންޖެހޭނީ ބަކަރިގަންޖާތޯ، ނޫނީ ގެރި ގަންޖާތޯ ދެނެވޮޑިގެންވާނީ މާތް ﷲ އެވެ.
އައިޖީއެމްއެޗަކީ މިމީހުން ދައުވާކުރާގޮތުން މިސަރަހައްދުގައިވެސް ނެތް ފެންވަރުގެ ހޮސްޕިޓަލެކެވެ. ދެން އެހެންވިއްޔާ ސަރުކާރުގެ ބޮޑެއްގެ ގައިގައި މުލިއްސެއް ޖެއްސަސް އެ ފަޅާލަން ބޭރަށްދާން އެޖެހެނީ ކީއްވެ ހެއްޔެވެ؟ އައިޖީއެމްއެޗް އެހާކަޑަތަނަކަށްވީ، ސަބަބުތަކެއް ނެތިއެއް ނޫނެވެ. ނުރައްކާތެރި ބޭރިއެއްހެން، އައިޖީއެމްއެޗާ އަވަލަވާފައި ހުރީ ބިޑިކާ ނައްޓުގެ ބޮޑު ރަހުމަތްތެރިޔާއެވެ. ރަތްލާޖެހި ނާއިލާއެވެ. އޭނާއެތަނަށް ދީފައިވާގެއްލުމާ، ދެމުންދާގެއްލުމުގެ ވާހަކަ ދައްކައި ކޮޅުން ނުލާނެއެވެ.
އައިޖީއެމްއެޗް ފުރި ތޮއްޖެހި، އެތަނުން ޚިދުމަތްނުދެވޭގޮތްވެގެން އެއުޅެނީ ސީދާ ނާއިލާގެ ބަލާއިންނެވެ. އެބަލާ ފުރަތަމަޖެހުނީ ހޮސްޕިޓަލު ޑިޒައިން ކުރި ދުވަސްވަރުއެވެ. އޭރު އޭނާއަށް ހީވީ، ހޮސްޕިޓަލު ހަދައިގެން އިންޑިޔާ މީހުން އައިސް އެތަން ހިންގާނީކަމަށެވެ. އެހެންވެއްޖެއްޔާ މީނާގެ ތަރިކަޔަކަށް ހަދައިގެން އުޅުނުތަން ގެއްލޭނެތީވެ، މީނާ ޑިކްޓޭޓަރު މައުމޫނުކައިރީގައި ބުނެގެން ހަމަޖެއްސީ އަންހެނުންނާ ކުޑަކުދިންގެ ބައި އައިޖީއެމްއެޗަށް ނުގެންގޮސް މީނާގެ ބެލުމުގެ ދަށުން ބާހޮސްޕިޓަލު (މިހާރު އޭޑީކޭ) ގައި ހިންގާށެވެ. އެހެންވެ އައިޖީއެމްއެޗް ޑިޒައިން ކޮށްފައވަނީ އެބައިތައް ނުހިމަނައެވެ.
ހޮސްޕިޓާ ހަދާނިމުނުފަހުން، އެތަން ހިންގަން ދިވެހިސަރުކާރާ ހަވާލުކުރާނެކަން މީނާއަށް ހަމައެނގޭއިރަށް މީނާގެހިތް އެބޮޑު ހޮސްޕިޓަލަށް ދަހިވެތިވެއްޖެއެވެ. އެހާހިސާބުން އެއްކަލަ އަންހެނުންނާއި ކުޑަކުދިންގެ ބައި އައިޖީއެމްއެޗަށް ލާންވެއްޖެއެވެ. އެއިރު އެތަން ހުރީ ހަދާނިމިފައެވެ. ދެންއެތަނަށް އެހާބޮޑު ދެ ޑިޕާޓްމެންޓްލީމާ ތަނަށްވާނެގޮތް މިހާރު އެހުރީ ވެފައެވެ. 700 މީހުން ދުވާލަކު ދައްކަން އަންނާނެ ކަމަށް ހެދި ހޮސްޕިޓަލަށް މިހާރު 1500 މީހުން އާދެއެވެ. ތަން ރަނގަޅު ނުކުރެވިގެން އުޅޭ އެންމެ ބޮޑު ސަބަބަކީ މިއީއެވެ.
މިހާހިސާބުން ނާއިލާގެ ބަލާ ނިމުނީއަކީ ނޫނެވެ. މީގެ ދެތިން އަހަރު ކުރިން އަނެއްކާ އެތަނަށް ފާވެގެންފިއެވެ. މިފަހަރު މައިންގެ ސިއްހަތު ކުރިއަރުވާށޭ ކިޔައިގެން މީނާގެ ބެލުމުގެ ދަށަށް އެއޮއް ތޮއްޖެހިފައި އޮތް އިމާރާތުގެ ވަރަށްބޮޑު ބައެއް ދަމައިގެންފިއެވެ. އެތާގައި ކުރާހާވެސް ކަމަކީ މީނާބޮޑުވެފައި އިނދެގެން މަހަކު40،000 ރުފިޔާގެ ބޮޑު މުސާރަ ކެއުމެވެ. މިމުސާރަ ކައިގެން މީނާ އެންމެ ބަލިމީހެއްވެސް ދުވަހަކުވެސް ނުބަލައެވެ.
މިވާހަކަތައް މިތާމިލިޔުނީ ކޮންމެހެން ނާއިލާގެ ކަރުސަތުނަމާ ލިޔާކަށެއްނޫނެވެ. އެހެންނަމަ އޭނާ ކްލިނިކަށްގެނައި ސްކޭން މެޝިނުގެ ކަރާޝިބާއި، މިފަދަ އެތައް ވާހަކައެއް އެބަހުއްޓެވެ. އެކަމަކު އެއީ މައުލޫއިން ބޭރެވެ. އަސްލު މައުލޫއަކީ، ނާއިލާ ހުރެގެން ހޮސްޕިޓަލުގެ އެއްވެސް ކަމެއް ދުވަހަކުވެސް ރަނގަޅު ނުކުރެވޭނެއެވެ.
ޑިކްޓޭޓަރު މައުމޫނު ސަރުކާރުން އަހަރަކު 150 މިލިޔަން ރުފިޔާ އައިޖީއެމްއެޗަށް ޚަރަދުކުރަމޭ ކިޔާއިރު، މިޔަށްވުރެން ގިނައިން އޭނާގެ އައުވާނުން ސިންގަޕޫރާއި ބެންކޮކަށް ފޮނުވާން ތީމުގެއިން ޚަރަދުކުރެއެވެ. ކަލަގޮވަނީ 3 ލައްކަމީހުންނަށް ޚަރަދުކުރާން އެވަރުދާތީއެވެ.
ކިޔަވާކުދިންނަށް ފޮތް ފަންސުރު ދޭނަމޭ ކިޔއައިގެން މީނާ ފޮނިކަނޑާއިރު، ރާއްޖޭގެ އެއްވެސް ހޮސްޕިޓަލަކަށް ދައްކާމީހަކަށް އެއްވެސް ބޭހެއް، ޕެނަޑޯލް ގުޅައެއްހާ ހިސާބުވެސް ނުދެއެވެ. މިއިރު، އެއޮއް ފަގީރު ބަންގާޅުގައިވެސް، ހޮސްޕިޓަލަށް ދައްކާ އެންމެންނަށް ހިލޭބޭސް ދެއެވެ.
ރާއްޖޭގެ ހޮސްޕިޓާ ތަކުގެ ފެންވަރު މޮޅޭ ކިޔައިގެން ގޮޅާބޯގެ ޅިޔަނު ބޮޑުވަގު އިލްޔާސްމެން އަޗާތަޅާއިރު، ހިތުގެވެސް، ސިކުނޑީގެވެސް އެންމެ ކުޑައޮޕަރޭޝަނެއްވެސް މިތާކުން ނުކުރެވެއެވެ. ހަދާ ޓެސްޓެއް ދުވަހަކު ސީދާނުވެއެވެ. ތަންކޮޅެއް ބާރަށް ކެއްސާލިޔަސް ޖެހެނީ ޓުރޭންޑުރަމަށް ދާށެވެ. ހަގީގީ ފެންވަރަކީ މިއީއެވެ.
އިންޑިޔާއިން ހޮސްޕިޓާ ދިންފަހުން 13 އަހަރުވެ، ތަނަށް ނުތަކާވަރަށް ބަލިމީހުން ގިނަވެފައި ވާއިރުވެސް އިތުރު ހޮސްޕިޓަލެއް ހަދަން ވެއްޖެކަމެއް މިބީތާއިންނަކަށް ނޭގެއެވެ. މިހާރުވެސް ފާޑުފާޑުގެ އިމާރާތްތައް އެހެރަ އަޅަނީ ހަމަ އެތޮއްޖެހިފައިވާ
ތަނުތެރޭގައެވެ. މިކަމުން ބަލިމީހުނަށްވާނެގޮތް އަންދާޒާކުރެވުނީހީ އެއްޗެއް ވިސްނޭބަޔަކު ނަމަތާއެވެ. ނޫނޭ ވާ ބޮޑޫ މުނާފިގު މައުމޫނާ ބޮޑުވަގު އިލިޔާހާއެވެ. ދެޅިޔަނުންނަށް ތިޔަތިބީ ހޮސްޕިޓާ ހިންގިފައެވެ. ް
visit www.delightmaldives.com
click here to visit kobaaNet
| Main | News | Dhivehi | Editorials | Opinions | Open Forum | About Maldives | Downloads | About us | Links |
© Dhivehi Observer 2004